މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނުން އެއްބަސްވުމެއްގެ އިބާރާތްތަކަށް އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. މި އެއްބަސްވުން ފައިނަލް ކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ދަނީ ދެ ގައުމާއެކު މަސައްކަތް ކުރަމުންނެވެ.
ބޮޑުވަޒީރު ޝަރީފް ވިދާޅުވި ގޮތުގައި އެމެރިކާ އާއި އީރާނުން މިހާރު ވަނީ “ފައިނަލް، އެގްރީޑް އަޕޮން ޓެކްސްޓް” ނުވަތަ އެންމެ ފަހުގެ އެއްބަސްވުމުގެ ލިޔުމަށް އިއްތިފާގުވެފައެވެ. މެދުވެރިއެއްގެ ގޮތުން އިސް ދައުރެއް އަދާކުރާ ޕާކިސްތާނުން މިހާރު މަސައްކަތް ކުރަމުންދަނީ ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ. ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުލްހަ މީގެ ކުރިން ދުވަހަކުވެސް މިހާ ގާތްވެފައެއް ނުވާކަމަށެވެ.
މި ކުރިއެރުން ލިބިފައިވަނީ މި ހަފުތާގައި ތިން ދުވަސް ވަންދެން އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހަމަލާތަކެއް ބަދަލުކޮށް، މުޅި މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް ވަނީ އެއްބަސްވުމަކާ މިހާ ގާތްވި ވަގުތެއް ނާންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ދެ ގައުމު އޮތީ އެއްބަސްވުމެއްގެ ތުންފަތްމަތީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލެވޭނެއެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ތަފްސީލުތައް ނިންމާނީ އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އީރާނުން މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމުގެ މަސައްކަތް ފެށޭނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މާއްދާތައް ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. ހަނގުރާމައިގެ ސަބަބުން މި ސަރަހައްދުން ތެލާއި ގޭސް އުފުލުން މެދުކެނޑި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މި އެއްބަސްވުމުގައި އިސްރާއީލުން ބައިވެރިނުވާ ކަމަށެވެ. ނަމަވެސް އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިގެން ނުވާނެ ކަމަށް އޭނާ އާއި ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިންޒާރު ދެއްވި ގޮތުގައި ލުބުނާނާއި، ސީރިއާ އަދި ގާޒާގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުން ފޭބުމުގެ ގަސްތެއް އެ ގައުމަކުން ނެތެވެ.
މި އެއްބަސްވުން މެދުވެރިކުރުމުގައި ޕާކިސްތާނުގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު އަދި ގަތަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ.



