އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއްގެ ރޫޙާ އެއްގޮތަށް ހުޅަނގުގެ ޤައުމުތަކުން އަމަލުކުރާނަމަ، އެފަދަ އެއްބަސްވުމެއްގެ ކާމިޔާބީ ވަޒަންކުރާނެ މައިގަނޑު ދާއިރާއަކީ އީރާނުގެ ތެލުގެ ސިނާޢަތް ކަމަށް އެ ޤައުމުގެ ތެލާ ބެހޭ ވަޒީރު މުޙައްސިން ޕަކްނެޖާދު ވިދާޅުވެއްޖެއެވެ.
އީރާނުގެ ތެލާ ބެހޭ ވުޒާރާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ‘ޝާނާ’ އަށް ދެއްވި ބަޔާނެއްގައި ޕަކްނެޖާދު ވިދާޅުވީ، އެމެރިކާއާއެކު ސުލްޙައިގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އީރާނުގެ ތެލުގެ ސިނާޢަތް ވެގެންދާނީ ދުނިޔޭގެ އިޤްތިޞާދަށް ހުޅުވިގެންދާ ބޮޑު އިންވެސްޓްމަންޓް ފުރުޞަތަކަށް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވުމަކަށް އާދެވޭ ހިސާބުން ސޮއިކުރުމަށް ތައްޔާރުވެފައިވާ ސަތޭކައަށްވުރެ ގިނަ އިންވެސްޓްމަންޓް މަޝްރޫޢުތަކާއި، ފަންނީ އަދި އޮޕަރޭޝަނަލް ޕާޓްނަރޝިޕް ކޮންޓްރެކްޓްތައް މިހާރުވެސް އެބަހުއްޓެވެ. މިއީ ބައިނަލްއަޤްވާމީ ފަރާތްތަކަށް އީރާނުގެ ހަކަތައިގެ ދާއިރާއިން ލިބޭނެ ވަރަށް ބޮޑު ފުރުޞަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަޔާނަކީ އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އިޤްތިޞާދީ ގޮތުން އީރާނުން ތައްޔާރަށް އޮތް މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.



