ޕާކިސްތާނުގެ ލާހޯރު ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅު ވެއްޓި، އެތަނުގައި ތިބި 14 ކުއްޖަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ލާހޯރުގެ އަވަށެއް ކަމަށްވާ ކަހްނާގައި ހުންނަ އަމިއްލަ ޓިއުޝަން ސެންޓަރެއްގައެވެ.
އިމާރާތުގެ ދަށުން ނެގި ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ ކުދިން ހިމެނޭއިރު، ރެސްކިއު 1122 ގެ ތަރުޖަމާނު ފާރޫގު އަހުމަދު ބީބީސީއަށް މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އެ ގައުމުގެ ގަޑިން 16:45 ގައެވެ. މި ހާދިސާގައި މަރުވި ގިނަ ކުދިންނަކީ އުމުރުން 7 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނެވެ.
މި ހާދިސާގައި އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ކިޔައިދިން ގޮތުގައި، ހާދިސާ ހިނގި ވަގުތު އިމާރާތުގެ ފުރާޅުގެ މަރާމާތު މަސައްކަތް ކުރަމުންދިޔައެވެ.
“ކުއްލިއަކަށް ފުރާޅު ވެއްޓުނީ ގިނަ އަދަދެއްގެ ކުދިންގެ މައްޗަށް. ފުރާޅުމަތީގައި ބަރު އެއްޗެހި ބެހެއްޓުމުގެ ސަބަބުން މި ހާދިސާ ހިނގަން މެދުވެރިވީ،” އޭނާ ބުންޏެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ތައުޒިޔާ ފޮނުއްވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، އަނިޔާވި ކުދިންނަށް ބޭނުންވާ ހުރިހާ ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ. އަދި ޕަންޖާބުގެ ޗީފް މިނިސްޓަރު މަރިޔަމް ނަވާޒް ޝަރީފް މި ހާދިސާ ސިފަކުރެއްވީ ހިތްދަތި ހާދިސާއެއްގެ ގޮތުގައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. އަދި އިބްތިދާއީ ތަހުގީގުގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މަރިޔަމް ނަވާޒް ވިދާޅުވީ، މިކަމުގައި އިހުމާލުވި ކޮންމެ މީހަކާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.



