ޕާކިސްތާނުގެ ހޮސްޕިޓަލްތަކުން މާބަނޑު އަންހެނުންގެ ބަނޑުގައި އޮންނަ މަސް (ޕްލެސެންޓާ) ގަނެ، އެ ތަކެތި ބޭރުކޮށްގެން އުމުރުން ހަގުކޮށްދޭ ނުވަތަ އެންޓި-އޭޖިން އިންޖެކްޝަން އުފައްދާ ނެޓްވޯކެއްގެ މައްސަލަ އެ ގައުމުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެފްއައިއޭ އިން ބުނި ގޮތުގައި މި ގްރޫޕުން ކޮންމެ މަހަކު އެކި ހޮސްޕިޓަލްތަކުން ގާތްގަނޑަކަށް 200 ކިލޯގެ މަސް ގަނެއެވެ. މި ތަކެތި ހިއްކައި ޕްރޮސެސް ކުރުމަށްފަހު ބޭރަށް ފޮނުވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އިސްލާމްއާބާދުގައި މިދިޔަ ހަފުތާގައި ހިންގި ރޭޑެއްގައި، ގަވާއިދާ ހިލާފަށް މަސް ޕްރޮސެސް ކުރާ ތަނަކުން 500 ކިލޯގެ މަސް ވަނީ ފެނިފައެވެ. މީގެ އިތުރުން، ވިއެޓްނާމަށް ފޮނުވަން ތައްޔާރުކޮށްފައި އޮތް 100 ކިލޯގެ މަސްގެ ޝިޕްމަންޓެއް ވެސް އެއާޕޯޓުން ވަނީ ހިފަހައްޓާފައެވެ.
ޕާކިސްތާނުގެ ހިއުމަން އޯގަން ޓްރާންސްޕްލާންޓް އޮތޯރިޓީގެ އޮފިސަރެއް ކަމަށްވާ ހީނާ ކަންވަލް ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހުން މަސް ގަންނަނީ އިސްލާމްއާބާދާއި ރާވަލްޕިންޑީގެ ހޮސްޕިޓަލްތަކުން އެތިކޮޅެއް ގާތްގަނޑަކަށް 800 ރޫޕީސް (2.90 ޑޮލަރު) އަށެވެ. ނަމަވެސް މި ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ އެންޓި-އޭޖިން އިންޖެކްޝަނެއްގެ އަގު 700,000 ރޫޕީސް (2,530 ޑޮލަރު) އަށް އަރާ ކަމަށް އެފްއައިއޭ އިން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ހޮސްޕިޓަލްތަކުގެ އިތުރުން އިމިގްރޭޝަން އޮފިސަރުންނާއި ކުނި މެނޭޖްކުރާ ކުންފުނިތަކުގެ ބައިވެރިވުން އޮތްތޯ ބެލުމަށް އެފްއައިއޭ އިން ދަނީ ތަހުގީގު ކުރަމުންނެވެ. ޕާކިސްތާނުގެ ގާނޫނު ބުނާގޮތުން ވިޔަފާރީގެ ބޭނުމަށް އިންސާނީ ގުނަވަންތައް ބޭނުންކުރާ މީހުން 10 އަހަރަށް ޖަލަށްލުމާއެކު އެއް މިލިއަން ރޫޕީސް އިން ޖޫރިމަނާ ކުރެވޭނެއެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މަހުގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި ދަގަނޑުގެ ބައި ހިމެނުނު ކަމުގައިވިޔަސް، މިއީ އިންފެކްޝަން ފެތުރުމުގެ ފުރުސަތު ބޮޑު މެޑިކަލް ވޭސްޓްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ޕާކިސްތާނުގައި މަސް ނައްތާލުމަށް އޮންނަނީ ވަރަށް ހަރުކަށި އުސޫލުތަކެކެވެ. މިއީ މިފަދަ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގަތް ފުރަތަމަ ފަހަރެވެ.



