ހުޅަނގު އައްސޭރީގެ އަލް މުޣައްޔިރު އަވަށަށް ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލު ސިފައިން ގުޅިގެން ދިން ނުރައްކާތެރި ޙަމަލާއެއްގައި ފަލަސްޠީނުގެ 19 އަހަރުގެ ދެ ޒުވާނަކު ޝަހީދުވެއްޖެއެވެ.
ރާމަﷲ ގެ އުތުރުގައި އޮންނަ އަލް މުޣައްޔިރު އަވަށަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ދިން މި ޙަމަލާގައި ޝަހީދުވެފައިވަނީ ޢުމަރު މުޙައްމަދު ނަޢުސާން އަދި ޚަލީލް އަބޫ ޢާލިޔާ ކަމަށް އެ އަވަށުގެ ކައުންސިލްގެ ވެރިޔާ އަމީން އަބޫ ޢާލިޔާ ވަނީ ކަށަވަރުކޮށްދީފައެވެ.
ފަލަސްޠީނުގެ ރެޑް ކްރެސެންޓުން މަޢުލޫމާތު ދިން ގޮތުގައި، މި ދެ ޒުވާނުންގެ ގަޔަށްވެސް ޖަހާފައިވަނީ އަސްލު ވަޒަނެވެ. އޭގެ ތެރެއިން އެކެއްގެ ކަރަށް ވަޒަން އަރާފައިވާއިރު، އަނެކަކުގެ ބުރަކައްޓަށް ވަނީ ވަޒަން އަރާފައެވެ. އެމީހުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ ޝަހީދުވެފައެވެ.
އަބޫ ޢާލިޔާ ވިދާޅުވި ގޮތުގައި، އިސްރާއީލު ސިފައިންނާއެކު އައި ޔަހޫދީ ވަޒަންވެރިން ވަނީ އަވަށުގެ ބޮޑު މިސްކިތް ކައިރީގައިވާ މަރުކަޒީ ސަރަޙައްދަށް ވަދެގަނެ، ދެ ގެއަކަށް ޙަމަލާދީ އަދި ކަންބަޅިތަކެއް ވަގަށް ނަގާފައެވެ.
އަދި ވަޒަންވެރިންގެ މި ޢަމަލުތައް ހުއްޓުވުމަށް އަވަށުގެ ރައްޔިތުން މަސައްކަތް ކުރުމުން، ޢިމާރާތްތަކުގެ މަތީގައި ތިބި އިސްރާއީލު ސިފައިންގެ ސްނައިޕަރުން ޢާންމުންނަށް އަމާޒުކޮށް ބަޑިޖަހާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



