މައްކާގެ މަސްޖިދުލް ޙަރަމްގެ މަޝްހޫރު މުއައްޒިނެއް ކަމަށްވާ ޝައިޚް އިބްރާހީމް ބިން ޢާދިލް އަލް މަދަނީ އުމުރުން 51 އަހަރުގައި އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ހޯމަ ދުވަހު ކަމަށް ސައޫދީ އަރަބިއްޔާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަލް މަދަނީ އަވަހާރަވި ޚަބަރު ސައޫދީގެ ދައުލަތުގެ މީޑިއާ، އަލް އިޚްބާރިއްޔާއިން ވެސް ވަނީ އިއުލާނުކޮށްފައެވެ. އޭނާއަކީ މަސްޖިދުލް ޙަރަމްގައި ބަންގި ގޮވުމަށް ހަމަޖެހިފައިވާ މައިގަނޑު 24 މުއައްޒިނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މި 24 މުއައްޒިނުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ހަ މުއައްޒިނަކު ފަތިހުގެ ފުރަތަމަ ބަންގި ހިމެނޭހެން ނަމާދުތަކަށް ބަންގި ގޮވުމުގައި ބައިވެރިވެއެވެ.
ޝައިޚް އިބްރާހީމް އަލް މަދަނީ ޚާއްސަވެފައިވަނީ ފަތިސް ނަމާދުގެ ބަންގި ގޮވުމަށާއި ޢީދު ތަކުބީރު ކިޔުމަށެވެ. މީގެއިތުރުން، މިސްކިތުގެ އެމްޕްލިފިކޭޝަން ރޫމުގައި ހުރެގެން އިމާމުގެ އަޑު އިއްވައިދޭ “ތަބްލީޣު” މުއައްޒިނެއްގެ ގޮތުގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
އޭނާ އަވަހާރަވި ޚަބަރާއެކު، މަސްޖިދުލް ޙަރަމްގައި އޭނާ ގޮވާފައިވާ އަސަރުގަދަ ބަންގިތަކާއި ކިޔާފައިވާ ތަކުބީރުތަކުގެ އަޑުތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. ކުރިން ދެއްވި ޕޮޑްކާސްޓް އިންޓަވިއުއެއްގައި އަލް މަދަނީ ވަނީ، މަސްޖިދުލް ޙަރަމްގައި ފުރަތަމަ ފަހަރަށް ބަންގި ގޮވި ދުވަހު، ކަޢުބާ ވަށައިގެން ތިބި އަޅުވެރިން އޭނާގެ އަޑުއަހަން ތިބި މަންޒަރު ފެނި ވަރަށް ބޮޑަށް އަސަރުކުރި ކަމަށް ވިދާޅުވެފައެވެ.
ޚަބަރުތައް ބުނާގޮތުގައި ޝައިޚް އިބްރާހީމް އަލް މަދަނީގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ޙަރަމްގައި އަސުރު ނަމާދަށް ފަހުގައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަލް މުޢައްލާ ގަބުރުސްތާނުގައެވެ.



