އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގެ ސިކަންޑޭގައި ހުންނަ ކާބޯތަކެތި އުފައްދާ ފެކްޓަރީއެއްގައި އަލިފާން ރޯވެ، މަދުވެގެން 24 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ 30 ވަރަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ކުރަމުންނެވެ.
ވެރިރަށް ޖަކާޓާގެ ހުޅަނގުން އޮންނަ ސެރަންގް ރީޖެންސީގައި ހުންނަ “ޕީޓީ ފޮނޫސާ އަގުންގް މުލިއާ” ފެކްޓަރީގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މިއީ ޔުނައިޓެޑް ފެމިލީ ފުޑްގެ ދަށުން ހިންގާ ފެކްޓަރީއެކެވެ. ކުންފުނީގެ ޗީފް އެގްޒެކެޓިވް ސްޓީވަން އާވިން ވިޖަޔާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ވަގުތު އެ ފެކްޓަރީގައި ގާތްގަނޑަކަށް 300 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި 15 ފަޔާ ޓްރަކާއި، ފުލުހުންނާއި ސިފައިންގެ އިތުރުން ރެޑް ކްރޮސް އަދި ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް، އިމާރާތުގެ ބައެއް ބައިތައް ވެއްޓި ބަލިކަށިވެފައިވުމާއި، އަދިވެސް އަލިފާނުގެ ހޫނުކަން ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބަންޓެން ސާޗް އެންޑް ރެސްކިއު އޭޖެންސީގެ އިސްވެރިޔާ އަލް އަމްރާދް ވިދާޅުވިއެވެ. މި ހާދިސާގައި 29 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަލިފާނުގެ ބާރުގަދަކަމުން ފެނިފައިވާ ހަށިގަނޑުތައް ވަކިކުރަން ދަތިވެފައިވާތީ، މަރުވި މީހުން ކަށަވަރު ކުރުމަށްޓަކައި ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ޑީއެންއޭ ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. މި މަރުހަލާއަށް މަދުވެގެން ހަފްތާތަކެއް ނަގާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ނުވި ނަމަވެސް، ފުރަތަމަ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވީ އެއާކޮންޑިޝަނަރެއްގެ ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު، ފެކްޓަރީގެ ސަލާމަތީ ފިޔަވަޅުތައް ހުރި މިންވަރުވެސް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.



