އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެއިން ދައުލަތުގެ އެންމެ ސިއްރު ލިޔެކިޔުންތައް ކަމަށް ކަނޑައަޅާފައިވާ ބައެއް ލިޔެކިޔުންތައް ފެނިފައިވާކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފިއެވެ.
މި ލިޔުންތައް ފެނިފައިވަނީ އެމެރިކާގެ ޖަޖަކު ނެރުނު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އެފްބީއައި އޭޖެންޓުން ވަދެ ބަލާ ފާސްކުރި ކުރުމުގެ ތެރޭގަ އެވެ.
އެ ދުވަހު ޓްރަމްޕްގެ ގެއިން ގިނަ އަދަދެއްގެ ތަކެތި އެފްބީއައި އެޖެންޓުން ވަނީ ގެންގޮސްފަ އެވެ. ވެރިކަމުން ބަލިވުމުން، ވައިޓް ހައުސް ދޫކޮށް ދިޔައިރު ޓްރަމްޕް، އެމެރިކާ ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ގެއަށް ގެންދިޔަ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމާއި ގުޅޭ ތަހުގީގެއް މިހާރު ދަނީ ހިންގަމުންނެވެ.
މިކަމާއި ގުޅިގެން ޓްރަމްޕް ވަނީ އޭނާގެ ގޭގައި ހުރި ލިޔެކިޔުންތަކަކީ ސިއްރު ނޫން ލިޔެކިޔުންތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ލިޔެކިޔުންތައް ކަމަށާއި އެތަކެތި ހުރީ ރައްކާތެރި ތަނެއްގައި ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެފްބީއައި ވަދެ ބަލާފާސްކޮށް އެ ލިޔެކިޔުންތައް ގެންދިޔައީ ސިޔާސީ ބޭނުމެއްގައި ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކޮށްފަ އެވެ.