މެކްސިކޯގެ މައިނެއްގައި ފެންބޮޑުވެ އެތަނުގައި ތާށިވި ދިހަ މީހުން އަދިވެސް ސަލާމަތް ނުކުރެވޭކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.
މި މަހުގެ 3 ވަނަ ދުވަހު މައިންގައި މަސައްކަތް ކުރަމުންދަނިކޮށް ޖުމްލަ 10 މީހެއް ވަނީ އެތަނުގައި ތާށިވެފަ އެވެ. މި މީހުން ތާށިވީ މައިންގައި ފެންބޮޑުވެ އެ ޓަނަލްގައި ހުރި ފާރެއް ވެެއްޓުމުގެ ސަބަބުންނެވެ.
އޮފިޝަލުން މީގެކުރިން ބުނެފައިވާ ގޮތުގައި މި މީހުން ސަލާމަތް ކުރަން އެތަނަށް ރެސްކިއު ޓީމަށް ދެވެން އޮތީވެސް ފެންގަނޑު 1.5 މީޓަރަށް ތިލަ ވެގެންނެވެ. އެހެންނަމަވެސް، އާދިއްތަ ދުވަހު މި ފެންގަނޑު ވަނީ ކުއްލިއަކަށް 20 މީޓަރަށް އުފުލިފަ އެވެ.
މި ކޯލް މައިން ހުންނަ ހޯ އުއިލާ ސްޓޭޓްގެ އޮފިޝަލުން ލަފާކުރާގޮތުގައި މި ތަނަށް ފެން ޖަމާވަނީ ކައިރީގައި ބޭނުން ނުކޮށް ހުރި މައިންތަކުންނެވެ. އަދި އިންޖިނިއަރުން މިހާރުދަނީ ފެން ލީކުވާތަން ހޯދައި އެތަން ބެއްދުމުގެ މަސައްކަތް ކުރަމުންކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
މިހާތަނަށް މައިނުން ވަނީ 200 މިލިޔަން ލީޓަރަށްވުރެ ގިނަ ފެން ޕަމްޕްކޮށްފަ އެވެ. އެހެންނަމަވެސް އަދި ތާށިވެފައި ތިބި މީހުން ސަލާމަތެއް ނުކުރެވެއެވެ.
ރެސްކިއު ޓީމުންވަނީ ފެނު އަޑީގައި ބޭނުންކުރާ ކެމެރާއެއް ބޭނުންކޮށްގެން ތާށިވެފައި ތިބި މީހުންގެ ހާލު ދެނެގަތުމަށް މަސައްކަތް ވެސް ކޮށްފަ އެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ފުނަށް ދިއުމަށް ފަހު ޑްރޯންގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.