ޕާކިސްތާނަށް ގިނަ އަދަދަކަށް ވާރޭވެހި ކޯރު ބަންޑުންޖަހާލުމައި ގުޅިގެން މަރުވި މީހުންގެ އަދަދު ހާހަކާއި ގާތްކުރާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ.
ޖޫން މަހުން ފެށިގެން ޕާކިސްތާނަށް މެދުކެނޑުމެއް ނެތި ކުރަމުންދާ ގަދަ ވިއްސާރައިގައި ވަނީ އެތައް އާއިލާއެއްގެ ގެދޮރު ގެއްލިފަ އެވެ. އަދި މި ވިއްސާރާގެ އަސަރު ވަނީ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝާރިފް ދާދިފަހުން ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކޮށްފަ އެވެ. މި ޒިޔާރަތަށް ފަހު ބޮޑު ވްޒީރުވަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ހީކުރިވަރަށް ވުރެ ބޮޑުކަމަށް ވިދާޅުވެފަ އެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެ ޤައުމުގެ ސިންދް ޕްރޮވިންސް އަށެވެ. އެގޮތުން މި ޕްރޮވިންސްގެ ބޮޑު ސަރަހައްދެއްވަނީ ސުންނާފަތި ވެފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ މިއީ މިފަހަކަށް އައިސް އެމީހުންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމަކީ މީގެ ކުރިންވެސް އާންމު ކަމެކެވެ. އެހެންނަމަވެސް މިފަހަރު ކުރަމުން މިދަނީ އާދަޔާ ހިލާފު ވިއްސާރައެއް ކަމަށް އެ ޤައުމުގެ ރައްޔިތުންވަނީ ބުނެފަ އެވެ.
ސިންދްގެ އިތުރުން ދެން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޕާކިސްތާނުގެ ލަރްކަނާ ސިޓީ ސަރަހައްދަށެވެ. މި ސަރަހައްދުގައި ކިސަނޑުން ހަދާފައި ހުރި ގިނަ ގތައް މިހާރު ހުރީ ފެނު އަޑީގައެވެ. އަދި ގިނަ ހިސާބުތަކުން ފެންނަން ހުރީ ގަސްތަކުގެ ކޮޅުތަކެވެ.
ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ގިނަ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އިންސާނީ އެހީތެރިކަން ބޭނުންވެފަ އެވެ. ކަބޯތްކެތީގެ ދަތިކަން ކުރިމަތި ވެފައުވާއިރު ގިނަ އަވަށްތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ދަނީ ފެން ތަޤައްޔަރު ވުކުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހެމުންނެވެ.