“ހެޔޮނުވާނެ އަހަރެމެންނަށް އެހީވެދީ. އަހަރެމެންނަށް ޒަރޫރީ ތަކެތި ބޭނުންވޭ. ކާބޯތަކެތި ބޭނުންވޭ. ބްރިޖް މަރާމާތުކުރަން ސާމާނު ބޭނުންވޭ.” މިއީ ޕާކިސްތާންގެ ހާލަތު ބަލަން ދަތުރުކުރާ ޓީމުތަކަށް ޙައިބާ ޕަޙްތުންޙަވާ ޕްރޮވިންސްގައި އޮންނަ މަނޫރް ވެލީގައި ދިރިއުޅެމުންދާ މީހުން އުކަމުންދިޔަ ނޯޓުތަކެވެ.
ޕާކިސްތާނުގައި ފަތުރުވެރިކަމަށް މަޝްހޫރު މަނޫރު ވެލީވެސް އޮތީ ގާތްގަނޑަކަށް މިހާރު ފެނު އަޑީގަ އެވެ. މި ހިސާބުން ވިއްސާރައިގެ ސަބަބުން 15 މީހުންވަނީ މަރުވެފައެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މައި އަވަށާއި މި ހިސާބު ގުޅުވައިދިނުމަށް އޮންނަ ހަމައެކަނި ކޮންކްރިޓް ބްރިޖްވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. އަދި މީގެ ސަބަބުން މަނޫރް އަވަށަށް އެހީ ފޯރުކޮށްދިނުން ވަނީ މެދުކެނޑިފައެވެ. އެ އަވަށުގެ ރައްޔިތުން މިހާރުތިބީ ކާބޯތަކެއްޗާއި އަންނައުނު ފަދަ ޒަރޫރީ ތަކެއްޗަށް ބޭނުންޖެހިފަ އެވެ.
މި އަވަށުގެ ބްރިޖް ހަލާކުވުމުގެ ސަބަބުން ދަތުރު ނުކުރެވި އެތައް އާއިލާތަކެއް އެކި ތަންތަނުގައި ތާށިވެފައި އެބަތިއްބެވެ. އަދި ސަލާމަތީ ހިސާބުތަކަށް ދިއުމަށް ފަރުބަދަ ވަށާލާފައި 10 ގަޑިއިރު އެމީހުން ހިނގަން ޖެހެއެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން ހާހަކާއި ގާތްކުރާ އަދަދަކަަށް މީހުންވަނީ މަރުވެފަ އެވެ. މީގެތެރޭގައި 300އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.