ޕާކިސްތާނަށް މިހާރު ޖެހިފައި އޮތް ހާލަތު މެދުވެރިވީ އިންސާނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވި މޫސުމީ ކާރިސާއެއްގެ ސަބަބުންކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ.
ގުޓެރެސް މިހެން ވިދާޅުވީ ޔޫއެންއިން ޕާކިސްތާނަށް އެހީވުމަށް 160 މިލިޔަން ޑޮލަރުގެ ކުއްލި ފަންޑު ލޯންޗްކުރުމަށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މިގޮތުން ގުޓެރެސްވަނީ ކާރިސާގައި ގެއްލުންވި ދިހަ މިލިޔަނަށްވުރެ ގިނަ މީހުންނަށް އެހީވުމަށް ހުރިހާ ޤައުމަކުން ވެސް
މި ފަންޑަށް ފައިސާ ފޮނުވުމަށް އެދިފަ އެވެ.
ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ކާރިސާ ގުޓރެސް ސިފަކުރައްވާފައިވަނީ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް އިންސާނުން ކުރަމުން ގެންދިޔަ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުގަ އެވެ. އަދި މި ދުނިޔެ ހަލާކުވާފަދަ އަމަލުތަކުން ދުރުވުމަށް އެންމެންނަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްްފަ އެވެ.
“މިއަދު މިކަން ދިމާވީ ޕާކިސްތާނަށް. މާދަމާ ތިބާގެ ޤައުމަށްވެސް މި ހާލަތު ކުރިމަތިވެދާނެ” ގުޓެރެސް ވިދާޅުވެފައި ވެއެވެ.
ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ބޯކޮށްވާރޭ ވެހި ކޯރުތައް ބަންޑުން ޖަހާލައި، ފެން ބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 1،136 މީހުން މަރުވެފަ އެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ. މި ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ މަގުތައް ހަލާކުވެ، ގެ ތަކާއި ބްރިޖުތައް ވެސް ވަނީ ސުންނާފަތި ވެފަ އެވެ.
މިއީ 2010 ވަނަ އަހަރު އެ ޤައުމަށް ކުރިމަތި ވި މިފަދަ ކާރިސާއަށްފަހު ދެވަނަ އަށް އެންމެ ބޮޑަށް ވިއްސާރަކުރި ފަހަރެވެ. އެ އަހަރުގައި ޕާކިސްތާނުން ވަނީ 2000 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.
ގުޓެރެސް ވިދާޅުވީ ޔޫއެންގެ އަމާޒަކީ 5.2 މިލިޔަންމީހުންނަށް ކަބޯތަކެތި، ސާފު ފެން، ސާފުތާހިރުވުމަަށް ބޭނުންވާ ތަކެތި އަދި އެމަރޖެންސީ ތައުލީމާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އޮފިޝަލުން ލަފާކުރާ ގޮތުގައި ޕާކިސްތާނުގެ ކޮންމެ ހަތް މީހެއްގެ ތެރެއިން އެކަކަށް ވަނީ މި ކަރިސާގެ ސަބަބުން އަސަރުކޮށްފަ އެވެ. މިއީ އެ ޤައުމުގެ އާބާދީގެ 33 މިލިޔަން މީހުންނެވެ.