އީރާނުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރަމުން އަންނަ ހަރުކަށި ފިޔަވަޅުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ގޮވާލައިފި އެވެ.
ޖަރުމަނުގެ ހާރިޒީ ވަޒީރު އަންނަލެނާ ބައެބޮކް ވަނީ މުޒާހަރާތަކުގައި ބައިވެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ގައިގައި މަގުތައް މަތީ ތަޅާބާލށ މީހުން ތިބީ ތާރީހުން ނުބައި ފަޅިއެއްގައި ވަނީ ބުނެފަ އެވެ.
މިކަމަށް ޒިންމާވާ ފަރާތްތަކުގެ އެސެޓުތައް ގަނޑުކޮށް އެފަރާތްތަކުން ޔޫރަޕުގެ ސަރަހައްދަށް ނުވަދެވޭނެ ގޮތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ހަދާނެކަން ޖަރުމަނުވިލާތުން ކަށަވަރުކުރާނެ ކަމަށް ޖަރުމަނުން ބުނެއެވެ.
ބައެބޮކް ވަނީ ޖަރުމަނުން އޮތީ މުޒާހަރާގެ ބައިވެރިންނާއެކުގައި ކަމަށް ބުނެފަ އެވެ. އަދި ހަމަ އެކަނި މިނިވަންކަން މަތީ ދިރިއުޅުމަށް ބޭނުންވާ މީހުންނަށް މަރުގެ ހުކުމް އިއްވާ ފަރާތްތަކަށް ބައެބޮކް ވަނީ ފާޑުވިދާޅުވެފަ އެވެ.
މުޒާހަރާކުރާ މީހުންނަށް އީރާނުގެ ސަލާމަތީ ބާރުތަކުން ދައްކަމުން އަންނަ ހަރުކަށިކަމާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އީޔޫގެ ހާރިޖީ ވަޒީރުން ވަކި ގޮތެއް ނިންމާނެކަމަށް ރޮއިޓާސް ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.



