އިންޑޮނީޝިޔާއަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާއި ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު ތިންގަޑިއިރު ފަހުން އުވާލައިފިއެވެ.
އިންޑޮނީޝިޔާގެ ތަނިމްބާ އައިލެންޑަށް އަންގާރަ ދުވަހުގެ މެންދަމު އައި މި ބިންހެލުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުނުކަން ފާހަގަކުރެވިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ބިންހެލުމަށްފަހު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރު ހެލުންތައް އައިސްފައި ކަމަށާއި ބިންހެލުމުގެ އަސަރު އޮސްޓްރޭރިލާގެ ބަޔަކަށްވެސް ކުރި ކަމަށް އިންޑޮނީޝިޔާގެ ޑިސާސްޓަރ އެޖެންސީން ހާމަކުރެއެވެ.
މި ބިންހެލުމުގެ ސަބަބުން ޔަމްދެނާ އައިލެންޑްގެ ސަމްލަކީ އަވަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް އަދިވެސް އެގައުމުގެ ޑިސާސްޓަރ އެޖެންސީން ދަނީ ބަލަމުންނެވެ.



