މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަޟްޙާ އީދުގެ މުނާސަބަތުގައި ކަތިލުމަށް ހަމަޖެހިފައިވާ ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މި އަހަރުގެ އަޟްހާ އީދުގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
އިއްޔެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ 100 ބަކަރި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރިންވެސް ސިޓީ ކައުންސިލުން އިއުލާނުކުރި ނަމަވެސް މައުލޫމާތަށް ބަދަލު އައުމާ ގުޅިގެން ކުރިން ކުރި އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ.
އާ އިއުލާނުގައި ވާގޮތުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ 12:00 ގަ އެވެ. އަދި އަގު ހުށަހެޅުން އޮންނާނީ އަންނަ މަހު 4 ގަ އެވެ.
ކައުންސިލުން ބުނި ގޮތުގައި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.