ގދ. ގައްދޫ ސިއްހީ މަރުކަޒުން އެރަށު ތިން ކުޑަކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީ ތަކެއްދިން މައްސަލާގައި ހިމެނޭ ހަތަރު މުވައްޒަފުން ސަސްޕެންޑުކޮށްފިއެވެ.
މުއްދަތު ހަމަވެފައި ހުރި އައިވީ ތަކެއްދިނުމުން ރައްޔިތުން ނިކުމެ ގައްދޫގެ ސިއްހީ މަރުކަޒު ދޮށުގައި މުޒާހަރާވެސް ކުރިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިކަމުގައި ޝާމިލުވާ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ. އަދި ކަން ހިނގިގޮތް ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގައްދޫއިން މީހަކު ބުނީ މިއަދު ހަވީރު ދެއަހަރު ނުވާ ކުޑަ ކުއްޖަކަށް ދެމުން ދިޔަ އައިވީ އަކީ މުއްދަތު ހަމަވެފައިވާ އެއްޗެއްކަން އެކުއްޖާގެ ބެލެނިވެރިންނަށް އެނގިގެން އައިވީ ދިނުން ހުއްޓާލި ކަމަށެވެ.
އަދި ހަމަ އެވަގުތު އިތުރު ދެކުއްޖަކަށް ވެސް ދެމުންދިޔަ އައިވީ ޗެކް ކުރި އިރު، އެ ވެސް މުއްދަތު ހަމަވެފައިވާ އައިވީ ތަކެއް ކަން ވަނީ އެނގިފައި ކަމަށެވެ.
ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ އައިވީ ތަކެއް ދިނުމަކީ ކުޑަ ކަމެއް ނޫން ކަމަށް އެކަމާ ދެކޮޅަށް އަޑު އުފުލަން ނިކުތް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.



