ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދިވެހި 9 ފިރިހެނުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ނިމިދިޔަ އަންގާރަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމާއި ނަހަމަ ގޮތުގައި ބޭނުންހިފުމުގެ އިތުރު ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ހައްޔަރުކުރި މީހުންނަކީ:
- މުހައްމަދު މައިސަން ޝިޔާޒް (21 އަހަރު)
- އަހުމަދު އިފްތިޝާމް ޒަރީރު (24 އަހަރު)
- ނަޖުމުﷲ ހަސަން (35 އަހަރު)
- އާޒިމް މުފީދު (24 އަހަރު)
- އަލީ ހުޒާމް ސައީދު (31 އަހަރު)
- މުހައްމަދު ސޯލިހު އަހުމަދު (26 އަހަރު)
- އަހުމަދު ނޫހު ނިޔާޒް (20 އަހަރު)
- މުހައްމަދު މިޝާލް އަހުމަދު ޒުހައިރު (20 އަހަރު)
- އަހުމަދު ސަނިޖު ސާދިގު (32 އަހަރު)
މި ސީރިއަސް މައްސަލަ ތަހުގީގުކުރުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވާފައިވާ ކަމަށާއި، އެ ޓީމުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ތުހުމަތުތަކާ ގުޅޭ އިތުރު ތަފްސީލެއް އަދި ވަކިވަކި ތުހުމަތުކުރެވޭ މީހުން މި އަމަލުގައި ބައިވެރިވި މިންވަރާ ބެހޭ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.



