އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް ބަންދުކޮށް ނިމިފައިވާކަމަށާއި، އެންމެ ފުރަތަމަ އެތަކެތި ފޮނުވާނީ އުތުރުގެ އަތޮޅުތަކަށްކަމަށެވެ.
އަންގާރަ ދުވަހު އުތުރުގެ އަތޮޅުތަކަށް ވޯޓް ކަރުދާސްތައް ފޮނުވުމަށްފަހު، އޭގެއަނެއް ދުވަހު ދެކުނުގެ އަތޮޅުތަކަށް ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނެވެ.
ހަބީބް ވިދާޅުވީ މާދަމާ ފޮނުވަން ފަށާ ތަކެތި ފުރަތަމަ ހަވާލުކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއާކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް އެ ތަކެތި ފޮނުވަން ފަށާނީ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ.
ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.



