ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ކަޅާއި ނޫ ފިޔަވައި އެހެން ކުލަކުލައިގެ ގަލަމުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލްވާނެކަމަށެވެ.
ޙަބީބު ވިދާޅުވީ، މިއީ އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއްކަމަށްބުނެ ސިޔާސީ ބައެއް ޕާޓީތަކުން ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާކަމަށެވެ.
ހަބީބު ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ލާޒިމްކުރާކަމަށާއި، އެކަމާއި ގުޅިގެން ޤައުމީ ލަފާދޭ ކޮމިޓީގައި ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. ހަބީބު ވިދާޅުވީ އެކި ކުލަކުލައިގެ ގަލަމުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމުގެ ޝަކުވާ ބައެއް ޕާޓީތަކުން ހުށައަޅަފައިވާކަމަށެވެ. ޤާނޫނުގައިވެސް ބަޔާންކުރަނީ ވޯޓުލާއިރު ފާހަގަ ޖެހުމަށް ބޭނުންކުރެވޭނީ އާދައިގެ ގަލަމެއްކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ނޫން ގޮތަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިފިނަމަ، ވޯޓު ކަރުދާސް ބާޠިލު ވާނެކަމަށެވެ.

މީގެއިތުރުން ދެ ފާހަގަ ލުމާއި، ކުރެހުމާއި، ހެޔޮ ފާހަގަ ނޫން ނިޝަންތައް ބޭނުންކުރުމުން ވޯޓު ބާޠިލުވާނެ ކަމަށާއި
ވޯޓިންގ ބޫތު މިފަހަރު ހުންނާނީ އޮފިޝަލުންނަށް، ވޯޓުލާ މީހާ ފަހަތުން ފެންނަ ގޮތަށް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.



