އިސްރާއީލުން، ފަލަސްތީނުގެ ބިންތައް ގަވައިދާ ހިލާފަށް ހިފުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ޑރ މުއިއްޒު ވިދާޅުވީ އިސްރާއީލުން، ގަވައިދާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުން ހުއްޓާލަންޖެހޭ ކަމަށާއި އަދި ފަލަސްތީނުގެ އަތުން ގަދަކަމުން އަތުލައިގަންފައިވާ ބިންތައް އަނބުރާ ދޭންޖެހޭ ކަމަށެވެ.
އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ރެފިއުޖީން އެނބުރި އައުމަށް އިސްރާއީލުން ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
އިސްރާއީލާއި ޣައްޒާއާއިން ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން 20 ވަރަކަށް މިނެޓު ތެރޭ ޣައްޒާއިން އިސްރާއީލަށް 5،000 ރޮކެޓް ހަމަލާ ވަނީ ދީފައެވެ.
މި ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ ސީދާ އަދަދެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް 100 އަށްވުރެ ގިނަ މީހަކު ޒަހަމް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.



