ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
މި ޓެލެތޯން ކުރިއަށްގެންދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
އިސްރާޢީލުގެ ޔާހޫދީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސަނީ ޢަމަލުތަކުގައި، ޣާޒާގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. އަދި އެތަކެއް އާއިލާއެއްގެ ގެތައް ފުޑުފުޑުކޮށްލާ ވަނީ ހާލުގައި ޖައްސާފައެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފަލަސްޠީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށްޓަކައި މީޑިއާއާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވީ، އެ ޖަމުޢިއްޔާއިން އަބަދުވެސް ފަލަސްޠީނަށް ޚާއްސަ އަހައްމިއްޔަތެއްދޭ ކަމަށާއި، ފަލަސްޠީނަކީ ދިވެހީންނަށް ވަރަށް ޚާއްސަ ތަނެއް ކަމަށެވެ.

އެހެންކަމުން ޔަހޫދީ އިސްރާއީލުން، ފަލަސްޠީންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި، ހާލުގައި ޖެހިފައިތިބި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މީޑިއާތައް ގުޅިގެން ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދުވަސްތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، ޓެލަތޯން ނިންމާލާނީ 17 ވަނަ ދުވަހުގެ ދަންވަރު 12:00 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
“ހޮނިހިރު އާދިއްތަ ހޯމަ މި ދުވަސްތަކުގައި ކުޑަ ވަގުތުކޮޅެއްއްގެ ތެރޭގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި. 17 ވަނަ ދުވަހު ހެނދުނު 6 އިން ފެށިގެން ދަންވަރު 00:00 ޖަހަންދެން ޓެލަތޯން ކުރިއަށް ގެންދާގޮތައް މީޑިއާތަކުން މިވަނީ އެއްބަސް ވެފައި. ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިވާ މީޑިއާތައްވެސް ހާމަކުރާނެ. ” އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވިއެވެ.

މި މަހުގެ ހަތްވަނަ ދުވަހުގެ އިސްރާއިލުން ފަލަސްޠީންއަން ހަމަލާދޭން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.



