ޔަހޫދީ އިސްރާއީލުން ކުށެއް ނެތި އަނިޔާދެމުންދާ ފަލަސްތީނުގެ މުސްލިމުންނަށް އޮތް ލޯބި ދައްކާލުމަށް ދިވެހިން މަގުތަކަށް ނިކުމެއްޖެއެވެ.
އެގޮތުން މިއަދު ހަވީރު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ދައްކާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ބާއްވާފައެވެ. މި ސައިކަލު ބުރުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މީގެ އިތުރުން ވެސް ވަނީ ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންގެ ހައްގުގައި ހާއްސަ އެއްވުމެއް މާލޭގެ އާރޓިފިޝަލް ބީޗުގައި ބާއްވާފައެވެ.
މި އެއްވުމުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން އެއްވެފައެވެ.

ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންގެ ހައްގުގައި އާރބަންކޯއިން އިސްނަގައިގެން ހުޅުމާލެ ސެންޓްރަލް ޕާރކްގައިވެސް ކުޑަކުދިން ހަވީރެއް މިއަދު ބާއްވާފައިވެއެވެ. މި ހަވީރުގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހާއްސަ ފަންޑުފޮށިތަކެއް ބަހައްޓާފައި ހުއްޓެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ ގޮތުން ސައިކަލު ބުރުތަކާއި ހިނގާލުންތައް ބާއްވާފައެވެ.



