ގޯއްޗާއި ފްލެޓް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް 40000އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވާ ގޮތުން މިއީ ފުރަތަމަ ބުރަށްވުރެ، 5000 ފޯމު އިތުރު އަދަދެކެވެ.
އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދެ ވަނަ ފޭސްއަށް 19,347 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމަށް 21،247 ފޯމު ހުށަހެޅި ކަމަށެވެ.
މި ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ބިންވެރިޔާ ސްކީމުގަ އެވެ. މި ސްކީމުގެ ދަށުން، މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލެވެ އެވެ.
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރަނީ ފްލެޓެވެ. މި ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭތާއި 15 އަހަރުވެފައިވާ މީހުންނާއި މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ހުޅުވާލީ، 4000 ގޯއްޗާއި 6000 ފްލެޓަށް ކުރިމަތިލުމަށެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދިން ވަގުތު، ހަމަވީ އަންގާރަ ދުވަހުގެ މެންދުރު 15:00އާއި ހަމައަށެވެ.
މި ދެ ސްކީމަށް ފޯމު ހުށައެޅި މީހުންގެ ޖުމްލަ އަދަދު 40594އަށް އަރައެވެ.



