ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ އަހުންނާއި އުހުތުންނަށް އެހީވުމަށް ދިއްފުށީ ރައްޔިތުން ކުރިއަށް ގެންދިޔަ ފަންޑު ރައިސިން އިވެންޓުން ހަތްދިޔަ ހަތްހާހަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މިމަހު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އެގައުމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެއާއެކު, އެމީހުންގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާއްމުންނަށް އަމާޒުކުރަމުންދާއިރު, ހަނގުރާމައިގެ ސަބަބުން އެތައް ހާސް މުސްލިމުން ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވެ ބިކަ ހާލުގައި ޖެހިފަ އެވެ.
އެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިއްފުށީ ރައްޔިތުން ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ދިއްފުށީގެ ފިހާރަތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމާއެކު ކާބޯތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވެއެވެ.
ފަންޑުރައިޒިން މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިއްފުށީ އަންހެނުންގެ ޖަމިއްޔާ އަދި ޕްރީ ސްކޫލް ޕީޓީއޭގެ ފަރާތުންނެވެ.
ދިއްފުށީގެ ފިހާރަތަކުގައި ބެހެއްޓި ފަންޑު ފޮށިތަކުން 13،270 ރުފިޔާ ލިބިފައިވެއެވެ. އަދި ގާޑިޔާ ހިންގައިގެން 24،834 ރުފިޔާ ލިބިފައިވެއެވެ. އެގޮތުން މި ހަރަކާތްތަކަށް ލިބުނު ޖުމުލަ 77،770 ރުފިޔާ ވަނީ އިންޓަރނޭޝަލް އެއިޑް ކޭމްޕް (އައިއޭސީ) ގެ އެކައުންޓަށް މިއަދު ޖަމާކޮށްފައެވެ.



