ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކުން ތެޔޮ ހުސްވާން ގާތްވެފައިވަނިކޮށް ދިވެހީންގެ އެހީގައި 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފިއެވެ.
ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނީ ދިވެހީންގެ އެހީގައި 20 ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައި ވަނީ ޣައްޒާގެ އަލް އަގުސާ މާޓިޔާސް ހޮސްޕިޓަލަށް ކަމަށެވެ. އަދި ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް ޣައްޒާ އަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާ ނުލާނެ ކަމަށް ވެސް އައިއޭސީން ބުނެފައިވެއެވެ.
“ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ އަޅުގަނޑުމެން ނުތިބޭނަން. އަޅުގަނޑުމެން އެންމެން، އެންމެހާ ދިވެހީން މިިތބީ ފަލަސްޠީނާއެކުކަން، ޣައްޒާއާއި އެކުކަން އަޅުގަނޑުމެން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން.” އައިއޭސީން ބުންޏެވެ.
އައިއޭސީން ބުނި ގޮތުގައި މި ތެލަކީ އެ ޖަމިއްޔާގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ޣައްޒާގެ އެތެރެއިން ހޯދުމަށް ފަހު، ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދެވުނު ތެލެވެ.
މިދިޔަ އޮކުޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާއްމުގައި ހާލުޖެހިފައިވާ މީހުންނަށް އެހީވުމަށް އައިއޭސީން ވަނީ ޣައްޒާ ރިލީފު ފަންޑުގެ ގޮތުގައި ހާއްސަ ފަންޑެއްވެސް ހުޅުވާފައެވެ. މި ފަންޑަށް މިހާތަނަށް 23 މިލޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.



