މިދިޔަ ސަރުކާރުން ފެށި އަމީނީ މަގު މަޝްރޫއުގެ ނުނިމި އޮތްބައިގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން ބުނީ އަމީނީ މަގު ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީމަގުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ ހުކުރު ދުވަހު ހަވީރު 18:00 އިން ފެށިގެން އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ޖުލައި، 3 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 84.4 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ހަތް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުމުން ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.