އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް އާސަންދައިން ފުލް ކަވަރޭޖު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މި ނިންމެވުން މިފަދައިން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، ‘އިންފަރޓިލިޓީ’ ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ ‘ރިޖެކްޓް’ ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.
އަދި މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަންކަމެވެ.



