ރައީސުލްޖުމުހޫރިއްޔާއާ ނައިބުރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައިނުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސްއާ ނައިބުރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ.
އަދި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް، އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީން ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރެއްވުމާއި ގުޅިގެންނެވެ.
މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކުރެއްވުމަށެވެ. މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 93،000 ރުފިޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިހާތަނަށް ލިބިވަޑައިގެންނެވީ 75،000 ރުފިޔާއެވެ.
ވަޒީރުންގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 72،000 ރުފިޔާއަށެވެ. މިހާތަނަށް ވަޒީރަކަށް ލިބިވަޑައިގަތީ 66،000 ރުފިޔާގެ މުސާރައެކެވެ.
ދައުލަތުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއުި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަވެސް ބޮޑުކުރަން ކޮމިޓީން ފާސްކުރެއްވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެއެވެ. މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ.



