ކުރިއަށް އޮތް ސްކޫލް ދެވަނަ ޓަރމްގެ ކިޔެވުން ފެށެންވާއިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާ މަގު ބޭނުންކުރަން ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމިއޮތް ބައިގެ މަސައްކަތް ފެށީ މިމަހުގެ 9 ވަނަ ދުވަހުއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ކަމާއި ޑރ މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ ޢިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާވީ ސަރަހައްދެވެ.
އައު ސަރުކާރާއެކު އަމީނީ މަގުގެ މަސައްކަތް އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަސައްކަތް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.
ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގަކީ ބޮޑެތި ބަސްތައް ދުއްވާ މަގަކަށްވުމާއެކު، އެ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ކުރަނީ، ކުރީގެ ބައިތަކާއި ޚިލާފަށް މަގު ފުޅާކޮށްކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން މަގުގައި ތާރުއަޅާ މަގު ބޭނުން ކުރަން ފެށުންކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.
އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފެށިތާ ވިއްސަކަށް ދުވަސް ފާއިތުވެދިޔައިރު، އެ މަސައްކަތުގެ ފަސްދޮޅަސް އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށް އާރްޑީސީން ވަނީ ފާހަގަކޮށްފައެވެ.



