ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ނިމިގެންދިޔަ ހަފުތާގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއިވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙަސަން ލަޠީފު އާއި ބައްދަލުކުރެއްވިއެވެ.
މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ދާޚިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ޤައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.



