ސަރުކާރުގެ އިސް މަގާމަތަކެއްގައި ތިބެ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރަށް ފާޑުކިޔައި މީސްމީޑިއާގައި ޕޯސްޓް ކުރި ފަރާތްތައް ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު މީޑިއާއާއި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން ޕޯސްޓްތައްކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަފަދަގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމަށް ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސަރުކާރުން މިހެން ހާމަކޮށްފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، ބޭރު ޤައުމުތަކުގެ ބައެއް ލީޑަރުންނާއި އޮފިޝަލުންނަށް އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި އަމަލުކޮށްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކުގެ އަމިއްލަ ޚިޔާލާއި ވިސްނުންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.
ސަރުކާރުން ގަބޫލުކުރައްވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުގޮތެއްގައި ކަމަށާއި، ނަފުރަތާއި ފިތުނަ އުފެއްދުމަށް ނުވަތަ ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނަގޮތަށް ޢަމަލުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޤައުމުތަކުގެ ލީޑަރުންނާއި އޮފިޝަލުންނާމެދު އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.



