ލިޔުނީ: މަރްޔަމް އަދީލާ
އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގައި ތާރުއަޅާ ނިންމައި މަގު ހުޅުވައިފިއެވެ.
މީނީމަގާއި އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބަންދުކުރުމަށްފަހު އެމަގުގެ އެއްބައި މިދިޔަ ބުދަ ދުވަހު ހުޅުވާލި ނަމަވެސް ފަހު ބައި އެއްކޮށް ހުޅުވާލަން ސަރުކާރުން ނިންމާފައި އޮތީ މިއަދު އެވެ. ނަމަވެސް އިއްޔެ ހަވީރު އެމަގު އެއްކޮށް ހުޅުވާލަން ނިންމައި މިހާރު ދަތުރުފަތުރު ކުރުމަށް އެމަގު ބޭނުންކުރެވޭނެ އެވެ.
ކަން ހާމަކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން “އެކްސް” ގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށް ދިނުމަށް، އަމީނީ މަގު އެއްކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރުއަޅާ ނިންމާލާފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ.
ތާރުއަޅާ ނިންމާލިނަމަވެސް އަމީނީމަގު ހުޅުވާނުލާ މަޑުކުރީ މަގުގައި އިތުރަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
މާލެއަށް ކުރަމުން އަންނަ ވިއްސާރާގައި އެންމެ ބޮޑަށް ފެން ބޮޑު ވެފައިވާ ދެމަގަކީ އަމީނީ މަގާއި ކަނބާ އައިސަރަނި މަގެވެ. އަދި އަމީނީ މަގުގެ މުހިންމު ބައެއް ބަންދުކޮށްފައި އޮތުމުން އައިޖީއެމްއެޗް ހުންނަ ކަނބާ އައިސަރަނި ހިނގުމުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް ގެނެސްފައި ވެއެވެ.



