ލިޔުނީ: މަރްޔަމް އަދީލާ
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗް 15، ގެ ކުރިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.
ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މި ބައްދަލުވުމަށް ރައީސް ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ހުށަހަޅުއްވާފައި ކަމަށެވެ. އަދި އެ މަޝްވަރާތައް “”ހައި ލެވެލް ކޮމިޓީ” ގެ ބައްދަލުވުމުގައި މިހާރު ކުރިއަށްދާކަމަށް ވިދާޅުވެފައި ވެއެވެ.
ނާޒިމް ވިދާޅުވީ ދެގައުމުގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ ސީނިއާ ބޭފުޅުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ މަތީ ފެންވަރުގެ ކޮމިޓީ އެކުލަވާލާފައި ވަނީ ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ އިންޑިއާގެ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ ކަމަށާއި ރައްޔިތުން ވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ. އަދި މިހާރު ކުރާ ކަމަކީ އެ ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށް ނާޒިމް ވިދާޅުވި އެވެ.
“އިންޑިއާ ސިފައިންނަށް މި ގައުމުގައި ނުތިބެވޭނެ،” މިއަދުގެ މީޑިއާ ބްރީފިންގައި ނާޒިމް ވިދާޅުވި އެވެ.



