އެމްޓީސީސީއަށް ބާރު ބޮޑުވާތީ، އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެމްޓީސީސީ އަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާތީ ގިނަ މަސައްކަތް މިހާރު ހުރި ފުނިޖެހިފައި ކަމަށެވެ.
އެހެންވެ، އެ ކުންފުންޏަށް ބާރުކުޑަކޮށް، މަޝްރޫއުތައް އަވަހަށް ނިންމަން އެފަދަ އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“އެމްޓީސީސީގައި އެބަހުއްޓޭ އެއް ކުންފުންޏަކަށް ނުކުރެވޭ ވަރަށް މަސައްކަތް،” ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ، އޭގެ މާނައަކީ އެމްޓީސީސީ އަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުން ނޫން ކަމަށާއި މައްސަލައަކީ އެއް ކުންފުންޏަކަށް ނުކަތާ ވަރަށް މަސައްކަތްތައް ޖަމާވެފައި ހުރުން ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އާ ކުންފުންޏެއްް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބާރު ސްޕީޑުގައި ކޮށް ނިންމައި ދިނުމެވެ.
ކެބިނެޓްގެ މިއަދުގެ ބައްދަލުވުމުގައި ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރަން އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް މުހުލަތެއް ދޭން ވަނީ ނިންމައިފައެވެ. އަދި، އަލަށް ކުންފުންޏެއް އުފައްދާއިރު އަމަލުކުރަން ޖެހޭނެ ހަރުދަނާ އުސޫލެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފަށަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



