ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް 1 މާރޗްގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ޙަަލީލް ވިދާޅުވެއްޖެ އެވެ.
ރޭ “އެކްސް”ގައި ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޙަަލީލް ވަނީީ ހާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ހައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއްކަމަށް ވިދާޅުވެފަ އެވެ.
އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުއިއްޒުވަނީ އެކަމަށް ފުރިހަމަ ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް ޙަަލީލް ވިދާޅުވި އެވެ. އެގޮތުން 1 މާރޗްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެކަމަށް ޙަލީލްވަނީ ވިދާޅުވެފަ އެވެ.
އެއާ އެމްބިއުލާންސް އަކީ ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހު ފުއްދާނެ ވައުދުތައް ހިމެނޭ “ހަފްތާ14″ މަގުޗާޓުގައި ހިމެނޭ ކަމަކެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓަރީ ފުޅާކުރުމުގެ މަޝްރޫއެއް ތާވަލު އެކުލަވާލައި ތަންފީޒުކުރުމާއި، ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭ ހާއްސަ ގައުމީ ހެލްޕް ލައިންއެއް ގާއިމް ކުރުމާއި، އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް މި މަގުޗާޓުގައި ވަނީ ހިމަނާފައެވެ.
ރާއްޖޭގައި މިވަގުތު އެމރޖެންސީ ހާލަތްތަކުގައި ވައިގެ މަގުން ބަލި މީހުން އުފުލަމުން ގެންދަނީ މޯލްޑިވިއަންގެ ފްލައިޓްތަކުންނެވެ. އެގޮތުން ފާއިތުވު 24 ގަޑިއިރުތެރޭގައި ވެސް 3 މީހަކު މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްގައި އުފުލާފައި ވެއެވެ.



