ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އޮތް މި ސަރުކާރުގެ “ޓީމު” އޮތީ ބަދަހިކޮށް ކަމަށާއި، އަދި ދިވެހީން ދާނީ ”މުއިއްޒު ދުވެލީގައި” ގައުމައިގެން ކުރިޔަށް ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަދި ފޮނަދޫ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މި ސަރުކާރުގެ ކެބިނެޓަށް ފާޑުކިޔާ، ވަޒީރުންނަށް ބަދަލު ގެނައުމުގެ ވިސްނުންފުޅު ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުމުންދާ ވާހަކަތަކަށް ރައްދުދެއްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތިއްޖާއިން ރައްޔިތުން ވަނީ ރައީސްއަށް ދިވެހިންކުރާ އިތުބާރާއި ދެއްވާ އެއްބާރުލުން ދައްކާފައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ ކަމަކީ ރައްޔިތުން، ރައީސްއަށް ދިން ތާއީދު ބަލައިނުގަނެވިގެން ކުރަމުން އަންނަ އަމަލުތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
“އިންޝާﷲ އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލެއް ނުވާނެ. ރައީސް ޑރ.މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް،”. އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.
އަދި ރައީސްގެ ފަހައްޕުޅުގައި އޮތް ޓީމު ރޫޅަލަން ކުރަމުން އަންނަ މަސައްކަތް އަބަދުވެސް ވާނީ ނާކާމިޔާބުކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.



