ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އަދި ރިވެތި އަޚްލާގާއި މަޑުމައިތިރި މިޒާޖުކަމަށް ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ “އެކްސް”ގައި ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުން ވާނެ އެންމެ މުހިންމު ސިފަޔަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ މާތް ސިފަ ކަމަށް ވިދާޅުވެފައެވެ. އަދި ހަގީގީ މާނައެއްގައި ވެރިއެއްގެ ފަރާތުން އެ ސިފަ ފެނުމުން ރައްޔިތުންގެ ގަދަރާއި އިހުތިރާމު އެ ވެރިއަކަށް ލިބިގެންދާނެ ކަމަށް ލިޔުއްވާފައިވެ އެވެ.
އަބްދުއްރަހީމް އިތުރަށް ވަނީ ވާދަވެރިން ހަސަދަވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެދުވެރިކަން ދިވެހި ރައްޔިތުން ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރަށް ހަ މަސް ދުވަސް ފުރިހަމަވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބި އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރުން ވެސް ސަރުކާރާ ގުޅެމުންދާ ދަނޑިވަޅެއްގައެވެ.



