ޗައިނާއާއެކު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު މަޝްވަރާ ކުރައްވައިފިއެވެ.
ޗައިނާގައި ކުރިއަށްދާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވޮންގ ވެންޓައޮ އާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ރާއްޖެއާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމްކުރުމަށް ވެސް މަޝްވަރާކުރުން ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މިއަދު މިނިސްޓަރު ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސްއާއެކު މިއަދު ބިނާކުރަނިވި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، އަދި ދެ ގައުމު ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރެވޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރުގެ އެ ޕޯސްޓް އެކްސްގައި ޝެއާކުރައްވަމުން، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގެ ސަބަބުން ރައީސް ޝީ ޖިންޕިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވައި ވެވުނު މުހިންމު އެއްބަސްވުންތައް ތަންފީޒުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓްލްމަންޓް އެރޭންޖްމަންޓްތައްް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެކެވެ.



