ރަސްމީ ފާލަން މަރާމާތު ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމްގެ ވެރިކަމުގައިކަން ހާމަވެއްޖެއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވަނިކޮށްވެސް ބޭކާރު ހަރަދު ކުރުމުގެ ގޮތުން ރަސްމީ ފާލަން ހަދަން ފަށާފައިވާތީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު ވިދާޅުވީ،
ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޮގަސްޓް 2023 ގައި ކަމަށެވެ. އަދި ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާއެކު އެފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.



