މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް، ޑރ. މަރިޔަމް މާރިޔާ، ޗައިނާގެ ދަޢުވަތަކަށް، ޗައިނާގައި ބާއްވާ “ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް”ގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 16އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ސީ.އައި.ސީ.ޑީ.އޭ އަދި “އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން”އާއި ގުޅިގެން، ޗައިނާއާއި ދެކުނުގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެނުންނަށް ހާއްސަކޮށް ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ ޑރ. މަރިޔަމް މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތު ޝިހާމް، މިނިސްޓަރ އޮފް ފޮރިން އެފެއާރސް، ޝެރީނާ އަބްދުލްސަމަދު އަދި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށްވާ ފާތިމަތު ސައުދާ، އަސްމާ ރަޝީދާ އަދި އަނާރާ ނައީމް ހިމެނެއެވެ.
“ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް”ގެ މައިގަނޑު މަޤްސަދަކީ ޗައިނާއާއި ދެކުނުގެ ޤައުމުތަކުގެ ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރައްވައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅިގެން މަޝްވަރާކުރުމެވެ.



