އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މިޔަންމާއާ ދެކޮޅަށް ގެމްބިއާ އިން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން އެ ކޯޓުން ބަލައިގެންފި އެވެ.
މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން އެ ގޮތަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ. އެ ކޯޓުން މި ހުށަހެޅުން ބަލައިގަތީ މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައިވަނިކޮށެވެ.
އެގޮތުން، ގަތުލު އާންމުންގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތައް މާނަ ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަަމަކީ އެ ކޯޓަށް ބެލޭނެ ކަންކަން ކަމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އެ ޤައުމާ ދެކޮޅަށް 11 ނޮވެމްބަރު 2019ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ރޮހިންޖާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.



