ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލު ވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން “ކުރަނގި” ފޭސް އިފްތިތާހްކުރުމަށާއި “ނާރެސް” އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިހުސާން ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެއީކޮން ބައެއްކަން ދެނެގަނެ އެ މީހުންނާއި ދޭތެރޭގައި އަޅަަން ޖެހޭ ގާނޫނީ ފިޔަވަޅު، މަގުފަހިވެގެން ދާނީ މި އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު ނެގިގެން ކަމަށެވެ.
އަދ ިކުރަނގި އޮޕަރޭޝަންގެ ތެރެއިން ކައުންސިލްތަކާއި ފުލުހުންނަށް އެ ވުޒާރާއިން ގެންގުޅެމުން އަންނަ ޕޯޓަލްގެ އެކްސެސް ދޭނެ ކަމަށާއި، ޕޯޓަލް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިދޭސީންގެ ފޮޓޯ, ނުވަތަ ކައުންސިލަށް ހާޒިރުކޮށް އިނގިލި ނިޝާން ނެގުމުން ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކީ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށެވެ. އަދި 1 އަހަރުގެ ތެރޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ޖެހިގެން އަންނަ 2 އަހަރު އެފަދަ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެކަމަށެވެ.



