ރާއްޖޭގެ ދަރަނި ބެލެހެއްޓުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާއާއެކު ނަގާފައިވާ ލޯނު އަނބުރާ ދެއްކުމުގެ ޝެޑިއުލް ފަސް އަހަރަށް އިތުރުކުރުމަށް ރާއްޖެއަށް ރުހުން ލިބިފައިވާ ކަމަށެވެ.
ރައީސް ވަނީ ބޭރުގެ ދަރަނި ތައް އަނބުރާ ދެއްކުމަށް އެހީތެރިވެދޭ މައިގަނޑު ވަސީލަތަކީ ޗައިނާ އާއި އިންޑިއާ ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނި މެނޭޖްކުރުމަށް ލުއި ފަސޭހަގޮތްތަކެއް ފަހިކުރުމަށް، ދެ ޤައުމުގެ ސަރުކާރުގެ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
“ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި ލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި،”. ރައީސް ވިދާޅުވިއެވެ.
އަދި އިންޑިއާއިން އިންޑިއާއަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު އެ ގައުމުގެ ސަރުކާރުން ރޯލް އޯީޯވާކޮށް ކާބޯތަކެތީގެ ކޯޓާ އިތުރު ދެ އަހަރަށް އިތުރުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި އެކްސްޓެންޝަންގެ ބޭނުމަކީ ލައިން އޮފް ކްރެޑިޓުން ލިބޭ ފައިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުގެ ފުރުސަތު ފަހިކޮށްދިނުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޗައިނާގެ ލޯނު ފަސްކުރުމުގެ އިތުރުން ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދައްކަން ޖެހޭ ލޯނު ތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކުރާނެ ކަމަށެވެ. އަދި އެކަންކަމަށް ބޭނުންވާ ޓެކްނިކަލް ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.



