ދެކުނުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ގިނަ ދަތިތަކެއް އެބަހުރިކަމަށާއި، އަދި އެކަންކަމަށް ހައްލު ގެނެވޭނީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ޓޫރިޒަމް އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި “ސަދަން ރީޖަން ޓޫރިޒަމް ޑިވެލޮޕްމަންޓް ސްޓޭކްހޯލްޑާރ ސިމްޕޯޒިއަމް 2024” ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައިސަލް ވަނީ ދެކުނަށް ފަތުރުވެރިކަން ފުޅާކުރަން ދަތިވާ ދެކަމެއް ފާހަގަކުރައްވާފައެވެ. އެއީ ދެކުނަށް އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ނުކުރުމާއި އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ މައްސަލައެވެ.
މިނިސްޓަރ ފައިސަލް ވަނީ އެކަންކަމަށް މަހާސިންތާގައި ތިބި ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާއިން ހައްލު އަންނާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.
އެއްދުވަހުގެ މުއްދަތަކަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ވަނީ ދެކުނުގެ 3 އަތޮޅުގައި މިވަގުތު ފަތުރުވެރިކަމަށް ނެރެފައިވާ އެނދުތަކާއި އަދި އެއަރޕޯޓުތައް ހުރިގޮތާއި، އަދި މަސައްކަތް ކުރިއަށް ނުގޮސްހުރި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ.
މީގެއިތުރުން އައިލެންޑް އެވިއޭޝަންގެ ފަރާތުން ވަނީ ދެކުނަށް ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ހުރި ފުރުސަތުތަކާއި އެކަމަށް މިވަގުތު ހުރި ދަތިތަކާއި ގެނެވޭނެ ހައްލުތައް ހިއްސާކޮށްފައެވެ. އެގޮތުން ސީޕްލޭންގެ ޚިދުމަތް ފެށުމުން ދެކުނުގެ އަތޮޅުތަކަށްވެސް ހެޔޮ އަގެއްގައި ހިދުމަތް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.



