އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުންކަމަށް ކުންފުނިތަކަށް އަންގާފައިވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކޮށްފައެވެ.
މި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މުއްތަލިބު ވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރުގައި ގިނަ ރަށްރަށުގެ މަޝްރޫތައް އެކި ސަބަބުތަކާއި ހުރެ ހުއްޓިފައިވާ ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށް އެ މަސައްކަތްތައް އަލުން ފަށައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ފެނަކައާ ހަވާލުކޮށްގެން 20 ރަށެއްގައި ކުރިއަށް ގެންދާ އެކި މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާކަމަށާއި މިމަސް ނިމުމުގެ ކުރިން އެ މަޝްރޫއުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެކަށީގެންވާ ބަޖެޓެއް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާ ކަމަށެވެ. އެހެންވެ، މަޝްރޫޢުތައް ކުރިއަށްގެންދަންޖެހިފައިވަނީ “ޕްރައޯރަޓައިޒް” ކޮށްގެން ކަމަށާއި އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުންކަމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރ މުއްތަލިބު ވަނީ އެއްވެސް ރަށެއްގެ މަޝްރޫއެއް މަޑުޖައްސާލާފައި ނޫނީ ހުއްޓާލައިގެބް ނުތިބޭނެ ކަމަށާއި، ވީހާވެސް އަވަހަށް މަޝްރޫއުތައް ފަށައި ރައްޔިތުންނަށް ގެނެސްދޭނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ނަތީޖާ ނެރެދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



