ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެންނަން އާންމުކޮށް ހުއްދަ ދޭނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު ހައްލުތަކެއް ހޯދުމުން ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ކަންކަން މިނިސްޓްރީން ކުރަމުންދަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ގަވައިދުގެ ތެރެއަށް ވެއްދުމާއި، ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުން ފަދަ މަސައްކަތްތަކެއް ކުރިއަށްދާތީ މިކަން ހައްލު ނުވަނީސް ބިދޭސީން ރާއްޖެ ގެނައުމުގެ އާންމު ހުއްދައެއް ނުދެވޭނެ ކަމަށެވެ.
އަދި ރާއްޖެއަށް އެންމެ ގިނައިން ބިދޭސީ މަަސައްކަތްތެރިން ގެންނަ ގައުމަކީ ބަންގްލަދޭޝް ކަމަށް ވާއިރު، އެ މަގު ސަރުކާރުން މިހާރު ބަންދުކޮށްފައި އޮތުމުން މިވަގުތު ވަޒީފާގެ ބާޒާރަށް ބޭނުންވާ އަދަދަށް މަސައްކަތްތެރިން ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީން ރާއްޖެ ގެންނަ ބައެއް ކުންފުނިތަކުން ބިދޭސީން ގެނައުމަށްފަހު ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވައިދުން ދައްކަމުން ނުދާތީއާއި ބިދޭސީންނަށް މުސާރަ ނުދޭތީ ރާއްޖެ ގެންނަ ބިދޭސީ މީހާ ގަވައިދާ ހިލާފުވުމުން އެކަމުގެ ޒިންމާ ބިދޭސީ މީހާ ގެންނަ ކުންފުނިންވެސް ނަގަންޖެހޭނެ ކަމަށެވެ.
އަދި ބިދޭސީ މަސައްކަތްތެރިން ގެނައުން މިވަގުތަށް ހިފަހައްޓާފައިވަނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީންގެ މައްސަލަތައް ހަމައަކަށް އަޅުވަން ކަމަށް އިހުސާން ވިދާޅުވި އެވެ. މިވަގުތު އެތެރޭގައި ހުރި މައްސަލަތައް ހައްލުނުކޮށް ބޯޑަރު ހުޅުވައިފި ނަމަ އަނެއްކާވެސް އެ މައްސަލަތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނެވޭނެ މަގުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެކަން ނިމުމުން ބޯޑަރު ހުޅުވާލާނެ ކަމަށެވެ.



