މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 589 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ޢަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 125 މައްސަލައާއި، ޖިސްމާނީ އަދި ޖިންސީ ހާނިއްކައިގެ 119 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ހާނިއްކައިގެ 37 މައްސަލައާއި އިހުމާލުވުމުގެ 111 މައްސަލަވެސް ވަނީ ރިޕޯޓުކުރެވިފައެވެ.
މީގެއިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލައާއި، ބްލެކްމެއިލް ކުރުމުގެ 15 މައްސަލަ، އަދި އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ އާއި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 10 މައްސަލައާއި އެހެނިހެން ބާވަތުގެ އަނިޔާގެ 24 މައްސަލަވެސް ވަނީ އެޓެންޑް ކުރެވިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އަދި ކުޑަކުދިންގެ އަޚްލާޤާ ގުޅުންހުރި 108 މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 26 މައްސަލަ، އާއި ޢާއިލާއާ ގުޅުންހުރި 166 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖޫން މަހާ ހަމައަށް އެކަނިވެސް ޖުމްލަ 1341 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަދިވެސް ވަނީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށް ފާހަގަކުރެވެއެވެ.



