ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހިންގާ ކޯސްތަކުގައި ހުރިހާ އިމްތިހާނުތަކުން %50 ފާސްވާން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ އިން ނިންމައިފިއެވެ.
އެމްކިއުއޭއިން މިގޮތަށް ނިންމާފައި މިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
އެގޮތުން ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ މަތީ ތައުލީމުގެ ހުރިހާ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާ ގޮތް ހެދުމުން އެސައިންމަންޓުތައް ގަތުން ފަދަ އަމަލުތައް މަދުވެގެންދާނެ ކަމަށާއި އެގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުސޫލަށްް ބަދަލުގެންނަން އެ އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލު ގެންނަން ނިންމީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
މީގެ ތިން އަހަރު ކުރިން 2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ރާއްޖޭގައި މަތީ ތަޢުލީމް ދިނުމަށް ގިނަ ކޮލެޖުތަކަކާއި ޔުނިވާސިޓީ ހިންގާއިރު ކުދިންގެ ފެންވަރު ކަނޑައަޅަނީ ކުދިން ހަދާ އިމްތިހާނުތަކާއި އެސައިމަންޓްތަކުންނެވެ.



