މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ މިމަހުގެ ކުރީ ކޮޅުން ފެށިގެން މަސްވެރިންނަށް ނުދެވި ހުރި ފައިސާއާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި މިވަގުތަށް ހައްލު ހޯދިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަމުން މިފްކޯއިން ބުނީ ސަރުކާރުގެ އަމާޒަކީ މިހާތަނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރުން ކަމަށެވެ.
މިފްކޯއިން މައުލޫމާތުދޭގޮތުގައި މިހާރު މަސްވެރިންްނަށް ނުދެވި ހުރީ 17 މިލިއަން ރުފިޔާއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.



