މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، އަބްދުﷲ ރަޝީދު ކިޔާ މީހަކު އެކި ފަރާތްތަކަށް ޝަކީލްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި ނަންބަރުން ގުޅައި އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް މަސައްކަތްކުރާތީ، އާންމުން މިކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
އަދި މި މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަން ވެސް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވިފައިވާއިރު، މި ފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އަންނަނިވި ކަންކަމަށް ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކުރެއެވެ:
- ނޭނގޭ ފަރާތްތަކުން އަންނަ ފޯނު ކޯލްތަކަށް ޖަވާބު ނުދިނުން
- އަމިއްލަ މަޢުލޫމާތު ނޭނގޭ ފަރާތްތަކާ ހިއްސާ ނުކުރުން
- ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކަމުގެ ޞައްޙަކަން ކަށަވަރުކުރުން
އަދި މި ފަދަ މައްސަލަތަކާ ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް ވެސް އާންމުންނަށް އިލްތިމާސްކުރެއެވެ.



